ދަރަބޫދޫގެ ތަޢާރަފް

މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ކައިރީގައި އޮންނަ އަދި އަތޮޅުގެ އާބާދީ އެންމެ މަދު ރަށެވެ.
މިރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. މިރަށުގެ މީހުން 1969 ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރު ރަށުގައިތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް ރަށުގައި ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި ރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.
މިރަށުގެމީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
މިރަށުގެ ފަޅުގެ ދަތިކަންބޮޑު ލަފާފުރުންދަތި ރަށަކަށްވުމާއިއެކު މިރަށުގައި ސަރުކާރުން ބަނދަރެއް ހައްދަވާ ދެއްވާފައި ވެއެވެ. މިބަނދަރުގެ މިސައްކަތްފެށީ 26 ޖުލައި 2006 ގައެވެ. ބަނދަރުގެ ބޮޑުމިނަކީ 175 ފޫޓް 315 ފޫޓެވެ.
މިހާރު މިކައުންސިލް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ޢިމާރާތެކެވެ. މިރަށު ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި ޢިމާރާތް ހުޅުވިފައިވަނީ 12 ނޮވެމްބަރ 1992 ގައެވެ. އޭގެ ކުރިން މިރަށު އޮފީސް ހިންގަމުން ގޮސްފައިވަނީ އާދައިގެ ގޮތަކަށްހަދާފައިވާ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ.