އަތޮޅުގެރަށްރަށް

މިރަށާއެކު މިއަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ 05 ރަށެވެ. ވެރިކަންކުރަނީ ނިލަންދޫގައެވެ. މިއަތޮޅުގެ ހުރިހާ ރަށެއގައިވެސް 24 ގަޑިއިރު ކަރަންޓް ހުރެއެވެ. ނިލަންދޫ ފިޔަވައި އެހެން ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ. ނިލަންދޫގައި ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ރައްޔިތުންނެވެ. ހުރިހާ ރަށެއްގައި ޖީސީއީ އޯލެވެލް ފެންވަރަށް ކިޔަވައި ދެއެވެ. އަދި ބިލެއްދޫ ނިލަންދޫގައި އޭލެވެލްއަށް ކިޔަވައި ދެއެވެ. ހުރިހާ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ.

ފީއަލި

މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެކުޑަ ރަށެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ބިލެއްދޫ

މިރަށަކީ މިއަތޮޅުގައި މީހުންދިރިއުޅޭ 5 ރަށުގެތެރެއިން އުތުރުން ދެވަނައަށް އޮންނަ ރަށެވެ. މިރަށުގެ މީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށަކީ ފާނަ މަސްވެރިކަމުގައި މިއަތޮޅުން އެންމެ ފާހަގަކުރެވޭ އަދި ކުރީ ޒަމާނުގައި ދޮށީގެ މަސްވެރިކަމަށްވެސް އެންމެ ފާހަގަކުރެވޭ ރަށެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

މަގޫދޫ

މަގޫދޫއަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދޫގެ އިރުން އޮންނަ، މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެވަނަ ރަށެވެ. 18 ޖެނުއަރީ 1999 ގައިއަތޮޅުވެރިކަން ސަރުކާރުން ނިލަންދުއަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަތޮޅުވެރިކަން ކޮށްފައިވެފައެވެ. މަގޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ނިލަންދޫ

މިރަށަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ. މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގައި އޮންނަ " ފޯއްމަތި " ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.