ރަށުކައުންސިލުން ދޭ ޚިދުމަތްތައް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 07/2010 ) ގައި ބަޔާންކޮށްފައިވާ، ރަށުކައުންސިލުން ދޭ ޚިދުމަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

01- ރަށުގެ މަގު ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުން.

02- އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުދަނގޫ ނުފޯރާނެ ގޮތެއްގެ މަތީން ރަށުފެންވަރުގައި ކުނި ނައްތާލުން.

03- ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުފެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުން.

04- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

05- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމް ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.

06- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ޕްރައިމަރީ ހެލްތު ކެއާރއާއި، ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.

07- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

08- ރަށުގެ ލައިބްރަރީ ހިންގުމާއި، ރަށުގެ ރަސްމީ ލިއުންތައް އަރުޝީފް ކުރުމާއި، ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިއުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމް ޤާއިމް ކުރުން.

09- އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރު ވަސީލަތްތަކާއި ޢާންމު ޕާކްތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

10- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަމީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

11- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރަޟް ނުވާނޭ ގޮތުގެމަތީން، ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްތަކުން ރަށުގެބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތީން ބެލެހެއްޓުން.

12- ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.

13- މިސްކިތްތައް ބެލެހެއްޓުން.

14- ޤަބްރަސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

15- އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

16- ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލްތައް ބޭއްވުން.

17- މަގުމަތި ކުނިކަހައި ސާފްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.

18- ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

19- ޕެސްޓް ކޮންޓްރޯލް ކުރުން.

20- ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން.

21- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓްތަކުގެ ކަންކަން، ހުރޭޓޯބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން.

22- މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާތަކެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާންމުންގެއަތުން ފީނަގައިގެން، އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތީން އިންތިޒާމްކޮށް ބެލެހެއްޓުން.

23- ޝަރުޢީ ކޯޓްތަކުންކުރާ ޙުކުމްތައް ތަންފީޒް ކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެ ދިނުން.

24- ރަށުކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާގުޅޭ ގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށުކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާގުޅޭ ގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލް ކުރުމާއި، ރަޖިސްޓްރީ ހަދައިދިނުމާއި ބާޠިލްކުރުން.

25- އަލަށް އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއ، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިނދޭސީންގެ ދަފްތަރުލިޔެ ބެލެހެއްޓުން.

26- ރަށުކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.