އަންނަމަހުން ފެށިގެން ސައިކަލާއި އަންނައުނުން ޑިއުޓީ ކުޑަކުރަނީ

އަންނަ މަހުން ފެށިގެން އަންނައުނާއި ސައިކަލުން ޑިއުޓީ ކުޑަކޮށް އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފިއެވެ.
މުލީއާގޭގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޑިއުޓީގެ ގޮތުން ރައްޔިތުންނަށް ގެނެސްދެވެން އޮތް ހުރިހާ ލުޔެއް ގެނެސްދިނުމަށް ރައީސް ޔާމީން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.
“އެގޮތުން އަޅުގަނޑުމެން ރިވިއު ކުރަމުން މި ގެންދަނީ ސައިކަލުގެ ޑިއުޓީގެ ކަންތަކާ، އަދި ހަމަ އެގޮތުން ވަރަށް ޚާއްސަ ބަދަލެއް ގާރމަންޓްސް އަށްވެސް ގެންނަން އެބަ ވިސްނަން.”، މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ދެބާވަތުގެ ޑިއުޓީއާއި މެދު ރިވިއުތައް ކުރެވެމުން އަންނަ އިރު، ސަރުކާރުން ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
އަދި އަންނައުނުން ކުރިއެކޭ އެގޮތަށް، އެއްވެސް ޑިއުޓީއެއް ނުނެގުމަށް ވިސްނުން ހުރިކަމަށްވެސް ސައީދު ވަނީ ހާމަކުރައްވާފައެވެ.
“އަޅުގަނޑުމެންގެ ވިސްނުމަކީ އަގުތަކަކީ އުފުލިގެން ނުދާ އަގުތަކެއް ކަމުގައި ވުން.”، ސައީދު ވިދާޅުވިއެވެ.
ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރައްވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސައިކަލާއި އަންނައުނަކީ އަސާސީ ޚިދުމަތެއް ކަމުގައި މިހާރު ބެލެވިފައި ވާއިރު، ދެ މާއްދާއަކުން އިތުރު ކުރެވިގެން ދިޔަ ބައި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށެވެ.
ޑިއުޓީ ބޮޑުކޮށްގެން، ބޮޑު އާމުދަނީއެއް ސަރުކާރަށް ލިބިގެންދާނެ އިރު، މި ބާވަތްތަކުން ޑިއުޓީ ކުޑަކޮށްގެން ބަޖެޓަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
“އަޅުގަނޑުމެންގެ ތަރައްޤީއަށް އެއްވެސް ދިމާލެއްގައި ރޭވިފައި ހުރި އެއްވެސް މަޝްރޫޢަކަށް ބުރުލެއް ނާރާނެ. ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް ދާނެ. އަޅުގަނޑުމެންގެ ބަޖެޓަކަށް މީގެ ސަބަބުން އެއްވެސް ލޮޅުމެއް ނާންނާނެ.”، މިނިސްޓަރ ވިދާޅުވިއެވެެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކީވެސް އާންމު ދިރިއުޅުމަށާއި، އާންމު ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ އޭގެ އެންމެ ހެޔޮ ގޮތުގައި ކުރާނެ ގޮތަކަށް ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށެވެ.
ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުން މުޅިން އަލަށް 20 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، އެހެނިހެން ކޮސްމެޓިކްސްގެ ބާވަތްތަކުން ވެސް ފަސް ޕަސެންޓުގެ ޑިއުޓީއެއް ނަގަން ފަށާ ގޮތަށް ކުރިން ވަނީ ހަމަޖެހިފައެވެ.
ހެވީ ވެހިކަލްތަކުގެ ޑިއުޓީ ވަނީ 35 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކޮށްފައެވެ. ކާރާއި ޕިކަޕް އަދި ވޭންގެ ޑިއުޓީ 100 ޕަސެންޓުން 200 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ސައިކަލާއި ބަސް ފަދަ ވެހިކަލްތަކުން ނަގާ ޑިއުޓީ އަންނަ މަހުން ފެށިގެން 100 ޕަސެންޓުން 150 ޕަސެންޓަށް ބޮޑުވާނެއެވެ.
މިހާރު ކަނޑައެޅިފައިވާ ޓެރިފް ލައިނަށް ބަލާއިރު 2015 ވަނައަހަރު ރާއްޖެއަށް އިމްޕޯޓްކުރާނެކަމަށް ލަފާކުރެވޭ ޖުމްލަ މުދަލުގެ 33 އިންސައްތަ ނުވަތަ 10 ބިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީރޭޓަކީ %0 އެވެ.
ޑިއުޓީއެއް ނުނަގާ ބާވަތްތަކުގެ ތެރޭގައި، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ އާލާތްތަކާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކާއި ލިޔެކިޔުމަށް ބޭނުންކުރާ ފޮތާއި ޕްރިންޓެޑް މެޓީރިއަލްސް އާއި ފައިވާނާއި ބޫޓާއި އިލެކްޓްރިކް ގެވެހި ސާމާނާއި ކޮމްޕިއުޓަރު، ލެޕްޓޮޕް ފަދަ ސާމާނާއި ކަރަންޓް ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ ސާމާނާއި ކުޅިވަރު ކުޅުމުގެ ސާމާނާއި ބަޔޯޑިގްރޭޑަބަލް ކޮތަޅާއި ގޯންޏާއި އިޔާދަކުރެވޭ ހަކަތަ އުފައްދަން ބޭނުންކުރާ ތަކެތި ހިމެނެއެވެ.