"ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން ނިލަންދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފި

މިއަތޮޅު އަތޮޅުކައުންސިލްގެ އިދާރާއިން އިސްނަގައިގެން މިއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން 26 މާރިޗް 2016 ވަނަ ދުވަހު މިއަތޮޅު ބިލެއްދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.
މި މަސައްކަތުގައި ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ބައިވެރި ވެފައި ވެއެވެ. މީގެ އިތުރުން މި މަސައްކަތުގައި ބިލެއްދޫ، މަގޫދޫ، ދަރަނބޫދޫ މިރަށްރަށުން މުވައްޒަފުންނާއި، ޢާންމުންގެ ތެރެއިން 53 މީހުން ބައިވެރި ވެފައި ވެއެވެ.
އަތޮޅުކައުންސިލުން އިސް ނަގައިގެން އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ހިންގާ މި ޕްރޮގްރާމަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ކުނި ނައްތާލުމުގެ ހޭލުން ތެރިކަން އިތުރުކޮށް މިއަތޮޅުގެ ހުރިހާ ރަށަކީ ސާފުތާހިރުކޮށް އޮންނަ ރަށްތަކެއްގެ ގޮތުގައި ހެދުމަށާއި، އަތޮޅުކައުންސިލާއި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިޖްތިމާޢީ ގުޅުން މިހާރަށްވުރެ ރަގަނޅު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ހިންގާ މި ޕްރޮގްރާމްގެ ފުރަތަމަބައި މިހާ ހިސާބުން ނިމުނު ކަމުގައިވިއަސް މިޕްރޮގްރާމްގެ ދެވަނަ ބައި އަންނަ ސެޕްޓެމްބަރމަހުގެ ތެރޭގައި ފައްޓާގޮތަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އަތޮޅުގެ ރަށްރަށުން ލިބުނު ތަރުޙީބަށް ބަލާއިރު، ކުރިއަށްއޮތް ތަނުގައި މިޕްރާމް މިގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގައިވެސް އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ހިންގުނު މި ޕްރޮގްރާމްގައި އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވަނީ ބިލެއްދޫން ކަމުގައި އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.