އެމްއެންޔޫ އިން ޑިޕްލޮމާ ހެދި 269 ދަރިވަރުން ދަސްވެނިވެއްޖެ

26 މާރިޗް 2015

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެކި ދާއިރާތަކުން ހިންގާ ޑިޕްލޮމާ އަދި އެޑުވާންސް ސެޓްފިކެޓް އިން 269 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި އޮތް ކޮންވޮކޭޝަންގައި 269 ދަރިވަރުން ދަސްވެނިވެފައިވަނީ ޑިޕްލޮމާއާއި އެޑްވާންސް ސެޓްފިކޭޓްގެ 43 ކޯހަކުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީގެ ކެމްޕަސްތަކުން 11 ފެކަލްޓީ އިން ދަރިވަރުން މިއަދު ވަނީ ދަސްވެނި ވެފައެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ދަރިވަރުން ދަސްވެނިވެފައިވަނީ ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނޫސްވެރިކަމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ފަތުރުވެރި ކަމުގެ ދާއިރާއާއި ގާނޫނީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން އަދި ސައިންސާއި އައިޓީ ދާއިރާ އިންނެވެ.

ކޮންވޮކޭޝަން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މިރޭގެ ދަންފަޅީގައި ޑިގްރީ ހަދާ ދަރިވަރުން ދަސްވެނިވާނެއެވެ.

މިއަދުގެ ރަސްމިޔާތުގައި، ޑިޕްލޮމާ ހެދި ދަރިވަރުންތަކުގެ ތެރެއިން 3.0 ގްރޭޑް ޕޮއިންޓް އެވްރެޖް އިން މަތިން ލިބިފައިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގެ ޚާއްސަ އިނާމް ވަނީ ލިބިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފް ވިދާޅުވީ އެ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑުތަނެއް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު 9،000 އެއްހާ ދަރިވަރުން އެ ޔުނިވާސިޓީ އިން ތައުލީމް ހާސިލް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.