26 މާރިޗް 2015 އިން ފެށިގެން ފިހާރަތައް ރޭގަނޑު 10:00 ގައި ކެފޭތައް 12:00 ގައި ބަންދުކުރަން ނިންމައިފި

26 މާރިޗް 2015

މިއަދުން ފެށިގެން ފިހާރަތައް ރޭގަނޑު 10:00 ބަންދުކޮށް، ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ސައި ހޮޓާ އަދި ކެންޓީން ފަދަ ތަންތަން ބަންދުކުރާ ގަޑި މެންދަމު 12:00 އަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ދެންމެއަކު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެހެން ގޮތަކަށް އަންގަންދެން މި ބަދަލާ އެއްގޮތަށް އަމަލުކުރަމުން ގެންދަންޖެހޭނެ އެވެ. އެ ބަދަލު ގެނެސްފައި ވަނީ، އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އިމްޕޯޓް މުދަލުގެ ވިޔަފާރިއާ ބެހޭ ގަވާއިދާއި ސައި ހޮޓާ/ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު އަދި ކެންޓީން ހިންގުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުތަކެއްގެ ދަށުންނެވެ.

"މަތީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ ވިޔަފާރިތަކާ މެދު މި މިނިސްޓްރީން ފިޔަވަޅު އަޅާނެ ވާހަކަ އާއްމުކޮށް އަންގައި އިއުލާންކުރަމެވެ،" އިއުލާނުގައިވެ އެވެ.

މިހާރު ސައި ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަނީ ދަންވަރު 1:00 ޖަހާއިރު އެވެ. އަދި ފިހާރަތައް ބަންދުކުރަނީ 11:00 ޖަހާއިރު އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެންމެއަކު "ހަވީރަ"ށް ވިދާޅުވި ގޮތުގައި ފިހާރަތަކާއި ސައި ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރާ ގަޑި އަވަސްކުުރަން ނިންމީ "މި ވަގުތުގެ ހާލަތަށް ބަލާފަ" އެވެ. އެހެން ނަމަވެސް، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ވިޔަފާރިކުރާ ތަންތަން ބަންދުކުރާ ގަޑި އަވަސްކުރަން ސަރުކާރުން ވިސްނަމުން ދާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މާރާމާރީ އާއި މީހުން މެރުން މާލޭގައި އަނެއްކާ ވެސް އާއްމުވެފައި ވަނިކޮށް، މިނިސްޓަރު އުމަރު އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ގަޑިތައް އަވަސް ކުރުމުގެ ބޭނުމަކީ ކުށްކުރުން ހުއްޓުވުމާއި އުފެއްދުންތެރިކަން އިތުރު ކުރުމެވެ.

ފިހާރަތަކާއި ސައި ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިނެވެ. އެކަމަކު ފަހުން ރައީސް މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގެން ވަނީ އެކަން ބާތިލްކޮށް، ކުރިއެކޭ އެއްގޮތަށް ރޭގަނޑު 11:00 ގައި ފިހާރަތައް ބަންދުކުރަމުން އައި އުސޫލަށް އަމަލުކުރަން ފަށާފަ އެވެ. އެ ބަދަލު ގެނައީ، އޭރުގެ ސަރުކާރުން ބުނި ގޮތުގައި، ކުށްކުރުން ހުއްޓުވުމުގެ ބޭނުމުގަ އެވެ.