ގެލެކްސީ އެސް6 އަދި އެޖް އިންސްޓޯލްމަންޓަށް ދޭ ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފި

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް6 އަދި ގެލެކްސީ އެސް6 އެޖް އިންސްޓޯލްމަންޓަށް ކަސްޓަމަރުންނަށް ލިބޭނެ ގޮތަށް ހައްސަ ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލް ވިދާޅުވީ، ސެމްސަންގް އިން އަންނަ މަހު ބާޒަރަށް ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ އެސް6 އާއި އެސް6 އެޖް އިންސްޓޯލަމަންޓަށް ކަސްޓަމަރުންނަށް ލިބޭނެ ގޮތަށް ތަފާތު ޕެކޭޖްތައް ތަޢާރަފްކޮށްފައިވާކަމަށެވެ.
އޭގެއިތުރުން، ސެމްސަންގް ފޯނަށް ޕްރިއޯޑަރ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޕްރިއޯޑަރ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިމްޖާދް ވިދާޅުވިއެވެ.
ޕްރިއޯޑަރ ކުރައްވާ ބޭފުޅުންނަށް އެއްފަހަރާ ފައިސާ ދައްކަން ދަތިވެދާނެ ކަން ފާހަގަކުރައްވައި، އިމްޖާދް ވިދާޅުވީ، ފައިސާ ދައްކަވަން ވަކި މުއްދަތެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ހަމަސް ދުވަހާއި، ނުވަމަސްދުވަހުގެ އިތުރުން ބާރަމަސްދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް އިމްޖާދް ވިދާޅުވިއެވެ.
މި ދެފޯނު އެއްފަހަރާ ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުލުވާލެވިފައެވެ. އެގޮތުން ގެލެކްސީ އެސް6 ވިއްކުމަށް ހަމަޖެހިފައިވަނީ 13030 ރުފިޔާއަށެވެ. އަދި އެޖް ވިއްކުމަށް ހަމަޖެހިފައިވަނީ 15373 ރުފިޔާއަށެވެ.
މިދެފޯނަށް ޕްރިއޯޑަރ ކުރައްވާ ކޮންމެ ފަރާތަކަށް ވަޔަލެސް ޗާޖަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސެމްސަންގްގެ ރާއްޖޭގެ ނޭޝަނަލް ޑިސްޓިރިބިއުޓަރ އަކީ ހައިކް މޯލްޑިވްސްއެވެ.