ފ.ނިލަންދޫގައި ކުރިއަށް ގެންދިޔަ މިނިވަން 50 ގެ ފުނައިގެ ޙަރަކާތްތައް ނިންމާލައިފި

13 މެއި 2015

ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސާސް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން އަތޮޅުތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހިންގުމަށް ރާވާފައިވާ "މިނިވަން ފަންސާސް ފުނަ" މި ޙަރަކާތް ތައް އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސެވީ ފ. ނިލަންދޫގައެވެ. 2015 މޭ 8،9 މި ދެދުވަހު ވަރަށް ފޯރިގަދަ ގިނަ ޙަރަކާތްތަކެއް ދައްކުވައިދިން މި ޙަރަކާތްތަކުގެ ޝަރަފްވެރި މެހުމާނަކީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަބްދުއް ރަޝީދު ޙުސައިންއެވެ.

ނިލަންދޫގައި މިރަސްމިއްޔާތު ފެއްޓުމުގެގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރަފްވެރި މެހްމާން އަބްދުއްރަޝީދު ޙުސައިން ވިދާޅުވީ "ފުނަ" ޙަރަކާތަކީ ރާއްޖޭގެ މުއްސަނދި ތާރީޚުގެ ހަނދާން އާކޮށްލުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށާއި، "ފުނަ" ޙަރަކާތް ބާއްވަން ނިންމި ނިންމުމަކީ ގައުމުގެ އެއްބައިވަންތަކަން ކުރިއަށްނެރުމަށްވެސް ލިބިނު ފުރުޞަތެއް ކަމަށެވެ. އަދި ނިލަންދޫއަކީ މި ޙަރަކާތް ބާއްވަން އެންމެ އެކަށީގެންވާ އެއް ރަށްކަމަށާއި، މި ޙަރަކާތަށް ނިލަންދޫން ވެފައިވާ ތައްޔާރީތައް ފެނުމުން ގައުމީ ރޫޙް އާލާވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިނިވަން ފަންސާހުގެ ޙަރަކާތްތަކަށް "ފުނަ" ކިޔާފައިވާގޮތް ވަރަށް ތަފްޞީލްކޮށް އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ.

ފ. ނިލަންދޫގައި ބޭއްވި މި ޙަރަކާތުގައި ނިލަންދޫގެ އިތުރުން ބައިވެރިވެފައިވަނީ މިއަތޮޅު ދަރަނބޫދޫއެވެ. ދަރަނބޫދޫން އެރަށުގެ ޒުވާނުންގެ ބޮޑުބެރުގެ އައިޓަމެއް ހުށަހަޅާފައި ވެއެވެ.

ނިލަންދޫން ހުށަހެޅި ޘަޤާފީ އައިޓަމްތަކުގައި 372 މީހުންނާއި ކުދިން ބައިވެރިވި އެވެ. ނިލަންދޫން ހުށަހެޅި ޘަޤާފީ ޙަރަކާތްތަކުގެ ތެރޭގައި ފިރިހެނުންގެ ދަފިނެގުން، ކުރުފަލި ޖެހުން، ދަނޑި ޖެހުން، ތާރަޖެހުން، އަންހެނުންގެ ފަތިގަނޑާއި ދުނި ޖެހުމާއި ޒުވާނުންގެ ބޮޑުބެރާއި އަދި އިހުޒަމާނުގެ ދިރިއުޅުން ދައްކުވައިދިނުމަށްޓަކައި "އިހު ނިލަންދޫގެ" ގެ ނަމުގައި އެއިރު ކޮށްއުޅުނު މަސައްކަތްތައް ދައްކާލެވިފައިވެއެވެ. ހަމައެއާއެކު ބޮޑު މާލޫދު ކިޔުމާއެކު ޖާފަތެއްވެސް ރައްޔިތުންނަށް ދީފައިވެއެވެ. އޭގެ އިތުރުން ނިލަންދޫ އާސާރީ ސަރަޙައްދުގައިވާ "ވެޔޮ" ކޮނެ އެތަން ސާފުކޮށް އެ ވެޔޮ ދެއްކުމާއި އިހުޒަމާނުގެ ދިރިއުޅުން ދައްކުވައިދޭ 2 ގެއާއި އުނދޯލިގެއަކާއި ބަދިގެއަކާއި ކިޔަވާގެއަކާއި ކަނބުރުގެއަކާއި އޮޑިހަރުގެއެއް އަޅައި އެތަންތަނުގައި ކުރަމުންދިޔަ މަސައްކަތްތައް ދައްކާލުންވެސް އޮތެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ޢަބްދުއްރަޝީދު ޙުސައިނާއި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނާއިބް ޢަބްދުﷲ މުޙައްމަދާއި މިނިސްޓަރ އޮފް ހޯމް އެފެއާޒުގެ ނާއިބް ޢަބްދުﷲ ވަޙީދު އާއި ފ. އަތޮޅުގެ ބައެއް ރަށްރަށުގެ ރަށުކައުންސިލްގެ ރައީސުން، ނާއިބްރައީސުން، ޒިންމާދާރުވެރިން، ސިފައިންނާއި ޕޮލިހުގެ އިސް ބައެއް ބޭފުޅުންނާއި ނިލަންދޫގެ އެކިދާއިރާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.