ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2016 އަށް ކަރުދާސް ހުށަހެޅުމަށް ހުޅުވާލައިފި

15 މެއި 2015

ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ ސިވިލް ސަރވިސްގެ ހިންގުން އިތުރަށް ތަރައްޤީ ކުރާނެ ގޮތްތަކެއް ތަދުބީރު ކުރުމުގެ މަޤުޞަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ 2 އަހަރަކުން 1 އަހަރު ބޭއްވުމަށް ރޭވިފައިވާ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް، މާރިޗު 2016 ގައި ބޭއްވުމަށް ސިވިލްސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ނަޒާހަތްތެރިކަމުގެ ރީތި ސިފަ ދިވެހި ސިވިލް ސަރވިސް ގައި އަށަގަންނަވައި، އިޚްލާޞްތެރި، ރިވެތި އާދަކާދަޔާއި އަޚުލާޤެއްގެ ވެރި ސަޤާފަތެއްގައި ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެފަދަ ގާބިލް މުވައްޒަފުންތަކެއް ވަޒީފާ އަދާކުރަމުންދާ ހިދުމަތަކަށް ދިވެހި ސިވިލް ސަރވިސް ހެދުމަކީ މި ކޮންފަރަންސް ބޭއްވުމުގެ މައިގަނޑު އެއް އަމާޒު ކަމުގައި މި ކޮންފަރެންސާބެހޭ ގޮތުން ނެރުއްވާފައިވާ ސަރކިއުލަރގައި ބަޔާން ކުރައްވާފައި ވެއެވެ.

ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2016 އަށް ކަރުދާސް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން އެ ކަރުދާސްތަކުގެ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު 30 ޖޫން 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި ކޮންފަރެންސަށް ކަރުދާސް ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު މި ކޮންފަރެންސާ ބެހޭގޮތުން ނެރުއްވާފައިވާ ސަރކިއުލާރއާއި އެކުގައި ޢާންމު ކުރައްވާފައި ވެއެވެ.