މިއިދާރާގެ 2023 ވަނަ އަހަރުގެ މަސައްކަތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފި

27 ޖަނަވަރީ 2024



މިއަތޮޅުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފިއެވެ.

ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2024 ޖަނަވަރީ 24 ގައެވެ. ނިންމާފައިވަނީ 2024 ޖަނަވަރީ 26 ވަނަ ދުވަހުއެވެ. މޮނިޓަރިންގެ މަސައްކަތް ފެއްޓުމުގެ ގޮތުން 2024 ޖަނަވަރީ 24 ވަނަ ދުވަހުގެ ހަވީރު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ދީފައި ވެއެވެ. މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު 2024 ޖަނަވަރީ 26 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތައް މޮނިޓަރިންގ ޓީމުން ފާހަގަ ކޮށްފައި ވެއެވެ.

މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދާއި، އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމް ދަރަނބޫދޫއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބައްލަވާފައި ވެއެވެ. މީގެ އިތުރުން މޮނިޓަރިންގ ނިންމުމުގެ ބައްދަލުވުމުގައިވެސް ނައިބްރައީސް ބައިވެރިވެ ލެއްވިއެވެ.

އަތޮޅު ކައުންސިލްގެ މޮނިޓަރިންގ ޓީމުގެ އިސް ބޭފުޅަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފެވެ. އިބްރާހީމް ޝަރީފްގެ އިތުރުން މޮނިޓަރިންގ ޓީމުގައި ހިމެނެނީ އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދާއި، ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީއާއި، ޢާއިޝަތު ޢިބާދާއެވެ.

2024 ވަނަ އަހަރުގެ މޮނިޓަރިންގެ މަސައްކަތްތައް ބެލުމުގައި ކުރިއަށް ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގެ މަސައްކަތްތަކެވެ.

މޮނިޓަރިންގެ މަސައްކަތުގެ ތެރެއިން ބަލާ ކަންތައްތަކުގެ ތެރޭގައި ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުންގެންދާ މިންވަރު ބެލުމާއި ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންގޮސްފައިވޭތޯ ބެލުން ހިމެނެއެވެ.