ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތައް

01- ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން ރަށްހިންގައި، ރަށްތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.

02- ރައްޔިތުންގެ ބައިވެރި ވުމާއެކު، ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.

03- ރަށުކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒް ކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތީން ތަންފީޒް ކުރުން.

04- ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީ ތަކަށާއި، އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒް ކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީ ތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯޓް ހުށަހެޅުން.

05- މި ޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށަ އަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ޤަވާޢިދު ހަދައި ހިންގުން.

06- މި ޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.

07- ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަސީލަތްތައް ބެލެހެއްޓުން.

08- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކް ކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކް ކުރުން.

09- އަތޮޅު ކައުންސިލްގެ ލަފަޔާ މަޝްވަރާގެމަތީން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތީން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާއި ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.

10- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާ ހޯދުމާއި މިލްކް ކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މި ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދުގައިވާ ގޮތުގެމަތީން، އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

11- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ތަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތު ތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިކަންކަމަށް ފަންޑް އުފެއްދުން.

12- ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތް ތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

13- ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ފީ ކަނޑައެޅުމާއި ފީ ނެގުން.

14- މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެނަމަ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަންނެގުން.

15- ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި ޕާކްފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލު ކުރުން.

16- ރަށުގެމަގާއި ޕާކްތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.

17- ރަށުގައި ހުންނަ ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

18- މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

19- ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންކުރުން.

20- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން ރަށުގެފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.

21- ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމް ކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.

22- ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސްމީހަކު ޤާނޫނާއި ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭނަމަ، އެކަމެއް ތަޙްޤީޤް ކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.

23- ރަށުކައުންސިލްގެ އިދާރާ ހިންގުން.

24- ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަންކުރުން.