ރަށުގެ ތާރީޚު

ނިލަންދެއަތޮޅު ދަރަނބޫދޫއަކީ މިއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ކައިރީގައި އޮންނަ އަތޮޅުގެ އާބާދީ އެންމެ މަދު ރަށެވެ. މިރަށަކީ ފަސްގަނޑު އުސް ރަށެކެވެ. ކުރީ ޒަމާނުގައި ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. ކުރީ ޒަމާނުގައި ވަރަށް ގިނައިން ވެލާއެރި ރަށެކެވެ.

ނިލަންދެއަތޮޅު ދަރަނބޫދޫގައި ދިރިއުޅެމުން ގެންދިޔަ މީހުން 1969 ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރު ރަށުގައިތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް ރަށުގައި ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި ރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.

މިރަށުގެމީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

މިރަށުގައި ސަރުކާރުން ބަނދަރެއް ހެދުމުގެ މަސައްކަތްފެށީ 26 ޖުލައި 2006 ގައެވެ. ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވީ އޭރުގެ ނިލަންދެއަތޮޅު އުތުރުބުރީގެ އަތޮޅުވެރިޔާ ޢަބްދުﷲ ޖަމީލެވެ. ބަނދަރުގެ ބޮޑުމިނަކީ 175 ފޫޓް 315 ފޫޓެވެ.