މަޢުލޫމާތު ހޯދައި ލިބިގަތުން


މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު [އިންފޮރމޭޝަން އޮފިސަރާއި، މުރާޖާ ކޮމެޓީގެ މަޢުލޫމާތު]

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެކެވެ. މިޙައްޤުގެ ދަށުން މަޢުލުމާތު ހޯދުމަށް ހުށަހެޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.

މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުން

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތަށް އެދި ހުށަހަޅާނީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮރމޭޝަން އޮފިސަރަށް ލިއުމަކުންނެވެ. އެގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރަކީ ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށްއެދި ހުށަހަޅާނީ މިއިދާރާއިން ޢާންމު ކޮށްފައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފޯމުންނެވެ. މިފޯމް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މީހަކީ، ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިއަން ނުދަތުމުގެ ސަބަބުން ލިއުމުން ހުށަހެޅުމަށް ޢުޒުވެރިވާ މީހަކު ކަމުގައިވާނަމަ، މަޢުލޫމާތު ހޯދުމަށް އިންފޮރމޭޝަން އޮފިސަރަށް އަގަބަހުން ހުށަހެޅިދާނެއެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ހޯދަން އަގަބަހުން ހުށަހަޅައިފިނަމަ، އެހުށަހެޅުން ލިޔެ، އެހުށަހެޅުމުގައި އިންފޮރމޭޝަން އޮފިސަރ ސޮއިކޮށް، އެކަން އެގޮތަށް ކުރުމުގައި ހެއްކެއް ބަހައްޓައި ހެއްކެއްގެ ގޮތުގައި ބެހެއްޓި މީހާގެސޮއި ހޯދައި، އަދި އެހުށަހެޅުން އަނގަބަހުން ހުށަހެޅި މީހާގެ އިގިލީގެނިޝާން އެހުށަހެޅުމުގެ ލިއުމުގައި ޖަހައި، އެހުށަހެޅުމުގެ ލިއުމުގެ އެއްކޮޕީ އެހުށަހެޅުން އަނގަބަހުން ހުށަހެޅި ފަރާތަށް ދެވޭނެއެވެ.

މަޢުލުމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުގައި ތިރީގައިއެވާ ކަންކަން އެނގޭ ގޮތަށް ފޯމު ފުރިހަމަ ކުރުމަށްފަހު ރަސްމީ ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އާ ދެމެދު މިއިދާރާއަށް ހުށަހެޅުއްވުމުން ފޯމު ބަލައި ގަންނާނެއެވެ. ފޯމު މިއިދާރާގެ އީމެއިލަށްވެސް ފޮނުވޭނެއެވެ. އީމެއިލަށް ފޮނުވާ ފޯމަކީވެސް މިއިދާރާއަށް ފޮނުވާ ފޯމެއްކަމުގައި ބެލޭނެއެވެ. މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް [Download W] [Download Pdf]

# މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން އެނގެން އޮތުން.

# ހޯދުމަށް ބޭނުންވަނީ ކޮންކޮން މަޢުލޫމާތެއްކަން އެނގޭނެ މިންވަރަށް އެމަޢުލޫމާތެއްގެ ތަފްޞީލް ބަޔާން ކުރުން.

# ހޯދަން އެދޭ މަޢުލޫމާތު ނުވަތަ ފޮނުވަންޖެހޭ ލިއުންތައް ފޮނުވާނެ އެޑްރެހެއް އެނގެން އޮތުން.

# ފީ ދެއްކުން ނުވަތަ ފީ ދައްކަން އެންގުމުން އެފީއެއް ދެއްކުމަށް އެއްބަސްވާކަން ކަށަވަރުކޮށް ދިނުން.

# މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފަރާތުގެ ނަމާއެޑްރެސް އަދި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމަށް ޢަމަލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް އެންމެ ފުރަތަމަ ޖަވާބު ދާރީވާނީ މިއިދާރާގެ އިންފޮރމޭޝަން އޮފިސަރެވެ. އިންފޮރމޭޝަން އޮފިސަރ ދޭ ޖަވާބަކާމެދު ހިތްހަމަ ނުޖެހިގެން އެކަން މުރާޖާކޮށް ދިނުމަށް މިއިދާރާއަށް ހުށަހަޅައިފިނަމަ އެމައްސަލަ ބަލައި ޖަވާބުދާރީވާނީ މިއިދާރާގެ މުރާޖާ ކޮމެޓީންނެވެ. މުރާޖާ ކޮމެޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަން ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހަށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށް ހުށަހަޅަންޖެހޭ ފޯމު މިއިދާރާއަށް ލިބުމުން ފޯމު މިއިދާރާއަށް ލިބިއްޖެކަން އަންގައިދޭ ލިއުމެއް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް ދެވޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ، މަޢުލުމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައިވާނަމަ، އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލުމާތު ދޫކުރެވޭނެއެވެ.

ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތު ފޯރޮކޮށްދެވެންއޮތީ ވަރަށްގިނަ މަޢުލޫމާތު ހޯދައިގެން ދިރާސާ ކޮށްގެން ކަމުގައިވާނަމަ، ނުވަތަ ހޯދުމަށް އެދިފައިވަނީ ވަރަށްގިނަ މަޢުލޫމާތު ތަކެއް ކަމަށްވެފައި، އޮފީހުގެ މަސައްކަތްތައް ހުންނަ ގޮތުން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދަތިވާނަމަ، މުއްދަތުގެ ތެރޭގައި މަޢުލޫމާތު ދެވެންނެތް ސަބަބު މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް އެންގުމަށް ފަހު 21 (އެކާވީސް) ދުވަސް ހަމަވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދެވޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާއިރު، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ލިއުމުގައި ހުރުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނުނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ތަކުގެ ތެރެއިން ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވާނަމަ، މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް އެކަންއަންގައި މަޢުލޫމާތު ފުރިހަމަ ކުރުމަށް ފުރުޞަތު ދިނުމަށްފަހު، އަދި އެކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްފަހުގައިވެސް މަޢުލޫމާތު ފުރިހަމަ ނުކުރާނަމަ، ނުވަތަ އެކަމަށް އިންކާރު ކުރާނަމަ، މަޢުލޫމާތު ދިނުމަށް އޮންނަ 21 (އެކާވީސް) ދުވަސް ހަމަވުމުން ނުވަތަ އޭގެކުރިންވެސް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް މަޢުލޫމާތު ދެވެން ނެތްކަން ސަބަބު ބަޔާންކޮށް ލިއުމުން އެންގޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކީ، އެހުށަހެޅުމެއް ކުރިން ހުށަހެޅުމުން އެކަމަށް ޖަވާބުދެވިފައިވާ ނުވަތަ މަޢުލޫމާތު ފޯރުކޮށްދެވިފައިވާ ހުށަހެޅުމެއް ކަމުގައިވާނަމަ، އަދި އެޖަވާބު ނުވަތަ މަޢުލޫމާތު ފޯރުކޮށްދިން ފަހުން އެކަށީގެންވާ ބަދަލެއް އެމަޢުލޫމާތަށް އައިސްފައިނުވާނަމަ، އެ މަޢުލޫމާތެއް ހޯދަން ހުށަހެޅި ފަރާތަށް އެކަން ލިއުމުން އަންގައި އެސަބަބަށްޓަކައި އެލިއުމަށް ޢަމަލު ނުކުރުމުގެ އިޚުތިޔާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިގެންވެއެވެ.

މައުލޫމާތު ހޯދަން ހުށަހެޅުމުން ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތު ލިބެން ނެތްނަމަ، އަދި ހޯދުމަށް ހުށަހަޅާފައިވާ މަޢުލުމާތު ލިބެންހުރިނަމަވެސް މަޢުލޫމާތު ދޫކުރެވެން ނެތްނަމަ، މަޢުލޫމާތު ދޫކުރެވެންނެތް ސަބަބު ބަޔާންކޮށް މަޢުލޫމާތު ހޯދުމަށް ހުށަހަޅާތާ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ކުރިން އެފަރާތަކަށް ލިއުމުން ޖަވާބު ދެވޭނެއެވެ.

ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތެއް ދިނުން ފަސްކުރުމަށް އިންފޮރމޭޝަން އޮފިސަރ ކަނޑަ އަޅައިފިނަމަ، އެކަން އެގޮތަށްކުރި ސަބަބަބާއި، އެމަޢުލޫމާތު ދެވޭނެ ދުވަހެއް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް ލިއުމުން އެންގޭނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދަން ހުށަހަޅާ މަޢުލޫމާތަކާ ގުޅިގެން އިންފޮރމޭޝަން އޮފިސަރ ދޭ ޖަވާބަކާމެދު ހިތްހަމަ ނުހިޖެއްޖެނަމަ، އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖާ ކޮށްދިނުންއެދި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީއަށް ހުށަހެޅި ދާނެއެވެ.

މުރާޖާ ކޮމެޓީއަށް ޝަކުވާ ހުށަހެޅުމަށް ބުނެފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިގަނެވޭނީ އެމުއްދަތުގައި ޝަކުވާ ހުށަހެޅިފައި ނުވަނީ މަޤުބޫލް ސަބަބެއް އޮވެގެން ކަމުގައި މުރާޖާ ކޮމެޓީއަށް ޤަބޫލު ކުރެވޭ ނަމައެވެ.

މުރާޖާ ކޮމެޓީއަށް ހުށަހަޅާ ޝަކުވާތައް ބަލައި އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން ޖަވާބު ދެވޭނެއެވެ. އެމުއްދަތުގައި ނުނިމޭނެ ކަމަށް ފެންނަނަމަ، ސަބަބާއެކު އެކަން ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން އަންގައި، އިތުރު 15 (ފަނަރަ) ދުވަސް ހަމަވުމުގެ ކުރިން އެކަން ބަލައި ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން ޖަވާބު ދެވޭނެއެވެ.

މުރާޖާ ކޮމެޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިންފޮރމޭޝަން ކޮމިޝަނަރަށް އިލްތިމާސް ކުރުމުގެ އިޚުތިޔާރު އެފަރާތަކަށް ލިބިގެން ވެއެވެ.